ރޭ އިރު އޮއްސުމާއިއެކު ސިޔާސީ އާހަބަރެއްގެ އަޑު ގުގުމާލިއެވެ. ޑރ ވަހީދުގެ ޤައުމީ އިއްތިހާދު އެމް.ޑީ.ޕީ އިއްތިހާދުން ބޭރު ކުރުމަށް އެމް.ޑީޕީ ގެ ޤައުމީ މަޖިލިސް އިން ރައީސް ނަޝީދަށް ދެންނެވުމަށް ނިންމުމެވެ. މިވީ ކިހިނެއްތޯއެވެ؟
އެމްޑީޕީގެ ދުލުން ބުނާނަމަ، ބުނެވޭނީ މިއީ ޑރ ވަހީދު، ރައީސް ނަޝީދުގެ ނައިބަކަށް ހުންނެވިހާލުގައި ވެސް، ސަރުކާރާއި، ސަރުކާރުގެ ސިޔާސަތާއި ފުށުއަރާ ސިޔާސަތެއް ފާޅުގައި ގެންގުޅެ، ސަރުކާރުގެ އަގު ވައްޓާލަން މަސައްކަތްކުރާތީ އަޅން ޖެހުނު ފިޔަވަޅެކެވެ.
ޤައުމީ އިއްތިހާދުގެ ދުލުން ބުނާނަމަ، މިއީ، ރާއްޖެ ގޭ ނައިބު ރައީސްގެ ޤަދަރު ކުޑަކުރުމަށާއި، އެބޭފުޅާގެ ޕާޓީގެ ކަންތަކުގައި އުޅުއްވުމަށް ފާޅުގައި ދެކޮޅު ހެދުމެއް ކަމުގައެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ހަޖަމު ނުކުރެވުން ކަމުގައެވެ.
ދެން އޮތީ ހަޤީޤަތެވެ. މިއީ ހަމަ ގައިމުވެސް ޤައުމީ އިއްތިހާދުން ކުރިން ދެމުން އައި ފަނޑު އެެއްބާރުލުންވެސް ނެތި އެމްޑީޕީ އިން އެމީހުން އެކަހެރިވާނެ ކަމެކެވެ. ނަތީޖާއަކަށް ވާނީ، އިދިކޮޅު ފަރާތް ތަކުގެ އަޑު ގަދަވުމެވެ. ސަރުކާރުގެ އެތެރޭގެ ހުރި އުނިކަންތަކެއް ނަމަ އިހުނަށް ވުރެން ފާޅު ވުމެވެ. މިގޮތުން ބަލާނަމަ އެމްޑީޕީ އަށް ގެއްލުމެކެވެ. ނަމަވެސް ޕާޓީގެ މެމްބަރުން މިކަމަށް ތާއިދު ކުރުން ގާތެވެ. އެހެން ވެއްޖެ ނަމަ މިކަމުން އެމްޑީއަށް އެމެމްބަރުންގެ ތާއިދު އިތުރުވެ ފައިދާކުރާނެއެވެ.
ކަށަވަރުވާކަމަކީ އިދކޮޅު ނައިބަކު ހުރުމީ ޖޯކެއް ކަހަލަ ކަމެކެވެ. އެކަމަކު ހަތުރުންނާއި މިތުރުން ސާފުކޮށް އެނގުމީވެސް ހަމަ ރަނގަޅު ކަމެކެވެ.
ދެންވާގޮތް ބަލަން ތިބެމާތޯއެވެ.
No comments:
Post a Comment